ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ނުހިންގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރުގެ ދަރަނި ދެއްކުމުގެ ސަބަބުން ރަށްރަށުގެ މަޝްރޫއުތަށް ނުހިންގޭ ކަމަށް ބައެއްފަރާތް ތަކުން ބުނަމުން ދާކަމަށާއި އެގޮތުން މަޝްރޫއެއް ނުހިންގާ އެއްވެސް ރަށެއް ރާއްޖޭގައި އޮތޯ ސުވާލު ކޮށްފައެވެ.

" ރާއްޖޭގައި މަޝްރޫއެއް ނުހިނގާ ރަށެއް ނޯނާނެ، އެގޮތުން އެއް މަޝްރޫއަށް ވުރެން ގިނަ މަޝްރޫއު ހިނގާ ރަށްރަށް އިރާދު ކުރެއްވިއްޔާ ފަހުރުވެރިކަމާ އެކު އަޅުގަނޑުމެން ފާހަގަކުރަނީ އަބަދުވެސް ބައެއް ތަންތާގައި އެބަހުރި ވަރަށް ބައިވަރު މަޝްރޫއުތައް އެކި ހިސާބުތަކަށް ގޮސްސަ"

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

އެގޮތުން ވޭތުވެދިޔަ 45 ދުވަހެއްހާ ތެރޭގައި ސަރުކާރުން ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށާ، އެ ދައްކާފައިވަނީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކަމަށް މުންދު ވިދާލުވިއެވެ.

މުންދު ވިދާޅުވީ އެކަން ކޮށްފައިވަނީ ބަޖެޓްގެ ތެރެއިން، ނުވަތަ މަޝްރޫޢުތަކުގެ ޕީއެސްއައިޕީ އެކަށައަޅާފައި ހުރި ލާރި، ޑޮލަރު ނުވަތަ ދިވެހި ރުފިޔާވިޔަސް، އެއަށް ހުޢްޓުމެއް އަރުވައިގެން ނުވަތަ ބޭނުންކޮށްގެނެއް ނޫން ކަމަށެވެ.

ސުކޫކަށް ފައިސާ ދެއްކީ އެސްޑީއައި ގައި ހުރި ފައިސާއިންކަމަށް ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، ހުރިހާ ހަރަދުތަކެއް ފުއްދަނީ ސަރުކާރުގެ ކޭޝް ފްލޯއިން ކަމަށެވެ. އަދި އެކި ހާލަތްތަކަށް ކޭޝް ފްލޯއަށް ބަދަލުތައް އަންނަ ކަމަށާއި އެހެންކަމުން ކުރިއަށް ދަނީ އެންމެ ޒިންމާދާރުކޮށް ބޭނުންތެރި ގޮތުގައި ކަމަށް މުންދު ވިދާޅުވިއެވެ.

އެގޮތުން މުންދު ވިދާޅުވީ، އެއްވެސް މަޝްރޫޢަކަށް ސަރުކާރުން ދައްކާ ލޯނަކުން ނޫނީ ދަރަނި އަދާކުރުމުގެ ސަބަބަކުންނެއް ހުއްޓުމެއް ނޫނީ ލޮޅުމެއް ނާންނާނެ ކަމަށެވެ.