ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑީގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް މިއަދު ހުކުމްކޮށް، އަދި އެ ދާއިރާގެ ނަތީޖާ އަލުން އިއުލާންކުރަން ހައި ކޯޓުން އަންގައިފި އެވެ.

ސުހާ އިބްރާހިމަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލް ކޮށްފައިވާކަމަށް ބުނެ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވާގޮތުންނަމަ އެތަނުން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ބަލަންޖެހެއެވެ.

އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް އެ ފާހަގައިގެ އިތުރުން އެހެން ފާހަގައެއް ނުވަތަ ކުރެހުމެއް ވޯޓު ކަރުދާހުގައި ނެތް ކަމަށެވެ. އެހެންވެ، އެ ވޯޓުލި މީހާ ހިޔާރުކޮށްފައިވާ ކެންޑިޑޭޓަކީ ކޮބައިކަން ސާފުކޮށް އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.

ނަމަވެސް ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތް ކަން ފާހަގަކޮށް އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން އިލެކްޝަން ކޮމިޝަނުން ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގެން ނަތީޖާ އަލުން އިއުލާން ކުރަން ހައި ކޯޓުން ވަނީ އަންގައިފަ އެވެ.

މީގެ ކުރިން ނަތީޖާ ދައްކާ ގޮތުން އެންމެ ވޯޓެއްގެ ތަފާތުން އެ މަގާމަށް އިންތިހާބުވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު ނަމަވެސް ހުކުމާ އެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވާނެ އެވެ. އެއީ 392 ވޯޓެވެ.

މިއީ މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބާ ގުޅިގެން ހައި ކޯޓުން ކުރި ދެވަނަ ހުކުމެވެ.

އެގޮތުން މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބާ ގުޅިގެން މ. ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އިއްޔެ ކުރި ހުކުމާއެކު ވެސް އެ ދާއިރާގެ ނަތީޖާއަށް ވަނީ ބަދަލު އައިސްފަ އެވެ.

އެގޮތަށް އަމަލު ކުރުމުން އިންތިހާބުގައި ކުރި ލިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހަށެވެ.