ދާއިމީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.

މި ބިލު ފާސްކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 61 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން އެ ބިލު ފާސްކުރަން ނުފެންފަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އެ ބިލްގައިވާ ގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް ދާއިމީ ބަލި ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ބިލުގައިވާ ހާލަތަކީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ.

މިގޮތުން އެފަދަ ހާލަތެއްގައިވާ މީހަކަށް އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.

އެ ބިލުގައި އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ.

ޕެންޝަން ފަންޑުގައިވާ ފައިސާއިން ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަންޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.