ކުރީގެ 3 ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމުގެ ފަހަތުގައި އޮތް އަސްލު ނިޔަތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިދިކޮޅުން ވާދަކުރައްވާނެ ކެންޑިޑޭޓުގެ ޓިކެޓު ހޯއްދެވުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ އެކު މުންދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ކުރީގެ ތިން ރައީސުންގެ އިތުރުން މިދިޔަ ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން ނުފެނި ތިިބި އެތައް ބޭފުޅަކު "ކުއްލިއަކަށް ހޮރުހޮރުން" ނުކުމެވަޑައިގެން، ވަކި މަގުސަދެއް ހާސިލްކުރައްވަން ސަރުކާރަށް ފާޑުވިދާޅުވާން ފަށާފައިވާ ކަމަށެވެ.

ތިން ބޭފުޅުން އެއްކޮށް މަސައްކަތް ކުރައްވާނެޔޭ ވިދާޅުވާއިރު، އަޅުގަނޑަށް ފެންނަ ތާނގާ މި ތިން ބޭފުޅުން ވެސް މި އުޅުއްވަނީ، އަދި މި ތިން ބޭފުޅުން އެކަންޏެއް ވެސް ނޫނޭ. ބައެއް އެހެން އެމްބިޝަސް އެސްޕަޔަރިން ޕޮލިޓީޝަންސް ވެސް ހިމެނޭ ގޮތަށް މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވީނުވީ، ކޮންތާކުކަން ނޭނގޭ ބޭފުޅުން ވެސް ކުއްލިއަކަށް ހޮރުހޮރުން ނުކުމެ ބަސް ވިދާޅުވާން ފަށައިފި،"

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އޭނާ ވިދާޅުވީ އެ ބޭފުޅުން އެ އުޅުއްވަނީ 2028 ގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އެދިވަޑައިގެން ރައްޔިތުންނާ ހަމައަށް ނުކުމެވަޑައިގަންނަވާއިރު، އެމަނިކުފާނާއި ވާދަކުރައްވާނެ ޓިކެޓުތައް ހޯދުމުގެ ނިޔަތުގައި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

މުންދު ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް މިހާރު އުޅެނީ މި އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ޔަގީން ނުވެގެން ނޫންތޯ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންނާއި ސަރުކާރުން ނޫސްވެރިންނަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެކަމާ ދެކޮޅަަށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ.

އެއްކޮށް މަސައްކަތް ކުރުމޭ ބުނާއިރު، ރައްޔިތުން ކުޑަކޮށް ވިސްނާ ވަޑައިގަންނަވަން ޖެހޭ ދެއްތޯ، އެ ތިން ބޭފުޅުންނަކީ ކިހާ އެއްކޮށް، ކިހާ ގާތްކޮށް އުޅުއްވި ތިން ބޭފުޅުންތޯ އެބަ ސުވާލު އުފައްދަން ޖެހޭ. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅަކު ހައްޔަރުކުރި ބޭފުޅެއް. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅެއްގެ، ހަމަ ސީދާ މި ބަސް ވެސް ބޭނުންކޮށްފައި ހުންނާނެ "މެއިން ރައިވަލް" އޭ ވިދާޅުވި ބޭފުޅުން،"

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

މުންދު ވިދާޅުވީ އެ ތިން ރައީސުން ވެރިކަން ކޮށްފައި ހުރި ގޮތާއި އެ ވެރިކަންތަކުގައި ހިނގާފައި ހުރި ކަންކަމަށް ބަލައި، އަދި އެ ވެރިންނަށް ދެވަނަ ދައުރެއް ރައްޔިތުން ދީފައި ނުވުމަކީ ވެސް ވަރަށް ސުވާލު އުފެދޭ ކަންކަން ކަމަށެވެ.