ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެއްރީ ފޯރ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ސީޝެލްސްގެ ފޮރިން މިނިސްޓަރު ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސީޝެލްސްގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ސީޝެލްގެ ފޮރިން މިނިސްޓަރު، މިނިސްޓަރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކުދި ޖަޒީރާ ގައުމުތަކުގެ ގޮތުގައި ދެ ގައުމުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދޭ އަހައްމިއްޔަތު މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށެވެ.