ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީމަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަގާމުން ނައިބު ރައީސް ކަމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، ނައިބު ރައީސް ވަކިކުރުމުގެ ޤަރާރެއް ހުށަހެޅޭނީ މަޖިލީހުގެ މުޅި މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ.
އަދި މިފަދަ ޤަރާރެއް ލިބުމުން، ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މެންބަރުންނަށާއި ނައިބު ރައީސަށް ފޮނުވަންޖެހެއެވެ.
މިގޮތުން 14 ދުވަހުގެ ނޯޓިސްގެ މުއްދަތަށްފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާއަކަށް އެ މައްސަލަ ހުށަހަޅަންޖެހޭނެއެވެ.
މީގެ އިތުރުން އެ ޤަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ވަގުތު، އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.
އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުރި ބޭފުޅަކު މަޤާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން އެ ބޭފުޅަކު ވަކިވާނެއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީ ޕީޖީން ނިންމާފައިވަނީ އިއްޔެއެވެ. އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުންވެސް ނާޒިމް ވަނީ އިއްޔެ ނެރެފަ އެވެ.