ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ.
އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
ދައުރު އިތުރުކުރަން ފާސްކޮށްފައި ވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންްނެވި 58 މެންބަރުންގެ ވޯޓުންނެވެ. އަދި ދައުރުގެ މުއްދަތު އިތުރު ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ.
މިގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15ގެ ނިޔަލަށެވެ.
އެހެންކަމުން ގަވާއިދުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު ނިމޭނީ މި ހުކުރު ދުވަހުއެވެ.
މަޖިލީހުގެ ދައުރު ދަންމާލަން ނިންމިއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ބިލްތަކެއްގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ. އަދި ބޭރު ގައުމުތަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމުގެ މަސައްކަތްތަކެއް ވެސް މަޖިލީހުގައި ދަނީ ކުރެވެމުންނެވެ.