ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އެގޮތުން މި މުއްދަތުގައި ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަނި ކަމަށް އީސީން ބުނެފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުން މިހާރުވެސް ރަޖިސްޓްރީވެފައި ވަނީ މާލެއަށެވެ. ނަމަވެސް ރިސޯޓުތަކާއި، ޖަލާއި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ކުރިން ރަޖިސްޓަރީކޮށްފައިވާ މީހުން، މި އިންތިހާބުގެ ރަޖިސްޓަރީގައި މިހާރު އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށާއި އެފަދަ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ އަލުން ރީ-ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް އީސީން ހާމަކުރެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު 1414 އަށް އެސްއެމްއެސް ކޮށްގެން ކޮންމެ މީހަކަށްވެސް ބެލޭނެ އިންތިޒާމުވެސް އީސީން ވަނީ ހަމަޖައްސާފައެވެ.
ރީ-ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭނީ އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ.
ފޯމު ހުށަހަޅާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް ވެރިފައިޑް "އީފާސް" އެކައުންޓެއް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ ނުވަތަ ފޮޓޯ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
އެގޮތުން ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގަ އެވެ.
އެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ސިނާންގެ އިތުރުން ދެން އެ ޕްރައިމަރީގައި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު އެވެ.
އެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވީ ނަމަވެސް އޭނާ ވަނީ ޓިކެޓު ދޫކޮށްލައި ސައީދަށް ތާއީދު ކުރައްވަން ނިންމާފައެވެ. އެމްޑީޕީގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) އެވެ.