އިސްތިއުފާދެއްވި ކުރީގެ 2 މިނިސްޓަރެއްގެ ނަން ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ ދެބޭފުޅުންނަކީ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް އާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކުރައްވަން ނަން ފޮނުއްވާފައެވެ. މީގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތާރިގު އިބްރާހިމް އައްޔަންކުރައްވަން ވަނީ ނަން ފޮނުއްވާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.