ކްލިކް ކޮލެޖުގެ ފަރާތުން އިންތިޒާމުކުރާ "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ފޯރަމްގެ ތިންވަނަ އެޑިޝަން، ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށް ދާކަމަށް ކްލިކް ކޮލެޖުން ބުނެފިއެވެ.

ކްލިކް ކޮލެޖުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު "މީރުމާ" އިވެންޓް ހޯލުގައި"ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ފޯރަމްގެ ތިންވަނަ އެޑިޝަން، ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދާކަމަށެވެ.

ކްލިކް ކޮލެޖުން ބުނީ މި ފޯރަމަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާފައިވާ ދަރިވަރުންނާއި، ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށް މުސްތަގުބަލު ބިނާކޮށް، ކެރިއަރު ބައްޓަންކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ހަރަކާތް މެދުވެރިކޮށް، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން، އެބޭފުޅުންގެ ތަޖުރިބާ އާއި ދާއިރާގެ މައުލޫމަތު ޕެނަލް ޑިސްކަޝަން ޒަރިއްޔާއިން ފޯރުކޮށްދޭނެކަން ފާހަގަކޮށް ކްލިކް ކޮލެޖުން ބުނީ މިހާރު މާކެޓުގައި އެންމެ ޑިމާންޑް ބޮޑު ދާއިރާތަކާއި އަލަށް ތައާރަފުވަމުންދާ ސިނާއަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި ސާނަވީ އިމްތިހާނުގެ ނަތީޖާ ނުކުންނަ ދުވަސްކޮޅާ ދިމާކޮށް މިފަދަ ހަރަކާތެއް ބާއްވަނީ މަތީ ތައުލީމު ހާސިލްކުރުމާއި ކެރިއާ އިހްތިޔާރުކުރުމުގައި ޒުވާނުންނަށް އެހީތެރިވެދިނުމުގެ ގޮތުންން ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު، ޕެނަލް ޑިސްކަޝަން، ގޭމިން ހަރަކާތުގެ އިތުރުން ހާއްސަ ބޫތްތައް މެދުވެރިކޮށް ޒުވާނުންނަށް މައުލޫމަތު ފޯރުކޮށްދެވޭނެއެވެ. އެގޮތުން ފުރަތަމަ ދުވަހު ފަތުރުވެރިކަމާއި އެކައުންޓިންގެ ދާއިރާ އަދި މާކެޓިން އަދި ބިޒްނަސް ދާއިރާއަށް ހާއްސަ ޕެނަލް މަޝްވަރާއެއް ކުރިއަށްދާނެއެވެ. ދެވަނަ ދުވަހު ސްޕެޝަލައިޒްޑް ސްޓަޑީޒް - ކްރިމިނޮލޮޖީ، ކުޅިވަރު، ޕައިލޮޓްކަން އަދި އިންޖިނިއަރިން އަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް އަދި މެޑިސިން އެންޑް ސައިން ލޭންގުއެޖްއަށް ހާއްސަ ސެޝަނެއްގެ އިތުުރުން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓުގެ ހެލްޕްލައިންއާއި ބެހޭ މައުލޫމާތުދޭ ސެޝަނެއް ކުރިއަށް ގެންދާނެއެވެ.
ކްލިކް ކޮލެޖުން ބުނީ ކޮންމެ ޕެނަލް ޑިސްކަޝަނެއްވެސް 1 ގަޑިއިރަށް ކުރިޔަށްދާއިރު، ކޮންމެ ފަރާތަކަށްވެސް ސެޝަން ބަލާ، އަޑު އެހުމަށް ބައިވެރިވެވޭނެ ކަމަށާއި، މި ސެޝަންތައް ބަލާލުމަށް ބޭނުންނަމަ ކޮންމެ ތަނެއްގައި ހުރިގެންވެސް މިކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހަރަކާތުގެ ބައިތައް ލައިވް ކުރާނެ ކަމަށެވެ.
މި ހަރަކާތުގެ އެންމެ ހާއްސަ އެއް ބަޔަކީ 'ފައިޓިން ގޭމް ކޮމިއުނިޓީ މޯލްޑިވްސް' (FGC MV) އާ ގުޅިގެން އިންތިޒާމުކުރާ ގޭމިން ހަރަކާތެވެ. ގޭމިން ހަރަކާތް ކުރިއަށް ގެންދާނީ އާންމުކޮށް އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެ ގޭމް ކުޅުމުގެ ފުރުސަތު ހުޅުވާލެވި ގެންނެވެ. ދެވަނަ ދުވަހު ކުރިޔަށްދާނީ ގޭމިން މުބާރާތެވެ.
އެ މުބާރާތުގައި 20 ބައިވެރިންނަށް ވާދަކުރެވޭއިރު، 13 ވަނަ ދުވަހުން 16 ވަނަ ދުވަހާއި ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކްލިކް ކޮލެޖްގެ ސޯޝަލް މީޑިއާގެ އިތުރުން އެފްޖީސީ އެމްވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެއެވެ. މުބާރާތުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ފަރާތް ތަކަށް 3000، 2000 އަދި 1000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އެ ހަރަކާތް ކުރިއަށްދާ ދެ ދުވަހުގެ ތެރޭގައި ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތް ތަކަށް އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ތެރޭގައި ތިން ފަރާތަކަށް ސްރީލަންކާއަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓާއި، ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތަކުގެ އިތުރުން ތަފާތު އެކި ހަދިޔާތައް ހިމެނެއެވެ.
ނެކްސްޓް ސްޓެޕް ފޯ ޔޫތް ޑިވެލޮޕްމަންޓްގެ ތެރެއިން ހާއްސަކުރެވިފައިވާ ސްޓޯލްތަކުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (SHE)، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (BCC)، ނެޝަނަލް ކެރިއާސާވިސަސް އަދި ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިމެނެއެވެ. މި ސްޓޯލްތަކުން ސިއްހީ ހިދުމަތްތަކާއި، ވިޔަފާރީގެ އިރުޝާދާއި، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ޒުވާނުންނަށް ހުރި ތަމްރީނު ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
އެ ހަރަކާތުގެ އެކި ސެޝަންތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުންhttps://forms.gle/yDiEWXtbu4bVt6iW9ނުވަތަhttps://www.cliquecollege.edu.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރުމުން ބައިވެރިވެވޭނެ ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.