ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރާތް ނުކުރުމަށް އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.

އައިޖީއެމްއެޗް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލޭ ސަރަހައްދުގަައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަން ކަން ފާހަގަކޮށްފައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާލާއިރު، ހުންއައިސް ގައިގަ ބިހިނެގުންފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މާސްކު އަޅައި، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން އަދި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ސަމާލުކަން ދިނުން، ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުން، ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަކުރުން، ކެއްސާ ނުވަތަ ކިނބިހި އަޅާ އިރު، އަނގަޔާ ނޭފަތް ރަނގަޅަށް ނިވާކުރުން، މީހުން އެއވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މިހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމުގެ އިތުރުން ބަލީގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުން އަދި މަތިރި އާލާވާ ފަދަ ތަންތަން ބަލައި، ގޯތިތެރެއާއި ވަށައިގެންވާ މާހައުލު ސާފުކޮށް ބޭއްވުން ހިމެނެއެވެ.

މާލެ ސަރަހައްދުން މި ހަފްތާގެ ތެރޭގައި ދެ މީހަކަށް މީސަލްސް ނުވަތަ ހިމަބިހި ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އަދި އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހޭ މިންވަރު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.