'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅޭ ގެގް އޯޑަރު މުރާޖައާކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމަށް ބާ ކައުންސިލުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ސިޓީއެއް ފޮނުވައިފި އެވެ.
ޕީޖީ އައްބާސް ޝަރީފަށް އެޑްރެސްކޮށް ބާ ކައުންސިލްގެ ރައީސް ހުސެން ސިރާޖު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ޕީޖީގެ އެދުމަކަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު މުރާޖައާކޮށްދިނުމަށް ޕީޖީގެ ފަރާތުން އިސްވެ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ޕީޖީއަށް ބާ ކައުންސިލްގެ ރައީސް ފޮނުއްވި ސިޓީގައި ވަނީ ސިޓީއަކަށް ބިނާކޮށް ނޫސްވެރިއެއްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅާ، ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް އެ ކޯޓަށް ހުށަހަޅައިދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް އަސާސްކަަން ފާހަގަކޮށް ބާ ކައުންސިލްގެ ރައީސްގެ ސިޓީގައި ބުނީ، ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާއި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ ބާރު ބޭނުންކޮށްފައިވަނީ ޕީޖީގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭ ގޮތަށް ކަމަށެވެ.
އަދަދު ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް 12 މޭގައި ކޯޓުން ޖަލު ހުކުމް އިއްވާފައިވާއިރު، އެ ދެ މީހުންނަށް ވެސް ގާނޫނީ ވަކީލަކު ކަނޑައެޅުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމުގެ ކަންބޮޑުުވުން ބާ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާ އާއި 53 މާއްދާގެ ދަށުން ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމުގައިވީ ހިނދު، އެ ހައްގު އެންމެ ނުރައްކާތެރި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް ގައިދު ނުކުރެވޭ މިންވަރަށް މި ދެންނެވި މައްސަލާގައި ގައިދުކޮށް އާންމުކޮށް ހުޅުވާނުލާ ބޭއްވި އަޑުއެހުމެއްގައި ގޮތް ނިންމަވާފައިވާ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ މިނިވަންކަމާއި ހައްގުތަކާއި ހިލާފު ކަމެއް ކަމަށް ބާ ކައުންސިލުން ދެކޭކަމަށް އެ ސިޓީގައިވެ އެވެ.
ބާ ކައުންސިލުން ޕީޖީއަށް ފޮނުވި ސިޓީގައި މިއީ ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވާނެ ކަމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް 12 މޭގައި ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.