'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް ކުރީގެ ނޫސްވެރިޔާ އަދި މިހާރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ، ސިވިލް ކޯޓަށް، މައްސަލަ ހުށަހަޅައިފިއެވެ.
މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަޒާން ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި 'ދައުރު' ނޫހުން ވެސް ވަނީ އެކަން ހާމަކޮށްފައެވެ.
މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން މި މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށް ވީއިރު، މި ދައުވާ އުފުލާފައިވަނީ 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްއަކާ ގުޅިގެންނެވެ.
އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ލިޔުން ޑިލީޓް ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށް އަޒާންގެ ފަރާތުން ކޯޓުގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން، އަޒާން ވަނީ އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ހަރަދަށް ހިނގި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
މި މައްސަލަ ބަލައި ނިމެންދެން، އެ ލިޔުން އާންމުންނަށް ނުފެންނާނެހެން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ތުހުމަތުތަކެއްކުރާ ކޮންޓެންޓަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ދަނޑިވަޅެއްގައެވެ.
އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިނުމާއި ރައީސްއާ ސުވާލުކުރި މައްސަލާގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކަށް އިއްޔެ ވަނީ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.