ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް އިންޑިއާގެ ބޭރުގެ ކަންކަމާބެހޭ ވަޒީރު، ޑރ. އެސް. ޖައިޝަންކަރު އާ ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާ އިން މީޑިއަތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ އިންޑިއާގެ ބޭރުގެ ކަންކަމާބެހޭ ވުޒާރާގައި ބާއްވާފައިވާ މި ބައްދަލުވުމުގައި، ދެ ވަޒީރުން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިގްތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވި ކަމަށްވެސް ހާރިޖީ ވުޒާރާ އިން ބުނެއެވެ.
ހާރިޖީ ވުޒާރާ އިން ބުނީ މިއީ އިންޑިއާގެ ބޭރުގެ ކަންކަމާބެހޭ ވަޒީރުގެ ދައުވަތަކަށް ވަޒީރު އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށެވެ.