ދައުލަތުން އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

އެ މައްސަލައިގައި ދެ ނޫސްވެރިންގެ ޝަރީއަތް މިއަދު 1:00 ގައި ވަނީ ފަށާފައެވެ. މިއަދު އޮތީ އިބުތިދާއީ އަޑުއެހުމެއް ކަމަށްވީރު، މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެ އިއްޔެ އެ ކޯޓުން އަދަދު ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ދެ ނޫސްވެރިން ވެސް މިހާރު ޖަލުގައި ތިބިއިރު،ނޫސްވެރިޔާ ލީވާން އަލީ ނަސީރު ޖަލަށްލާފައި ވަނީ 10 ދުވަހަށް އަދި، މުހައްމަދު ޝަހްޒާން ޖަލަށްލާފައި ވަނީ 15 ދުވަހަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ މައްސަލައާ ގުޅޭ ލިޔުންތަކާއި ޝަރީއަތާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން މައްސަލައިގެ ހަސްމުންނާ ގުޅޭ ވާހަކައެއް ދެއްކުން ވެސް މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.

އެ މައްސަަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހެވެ. ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި 26ގެ ނިޔަލަށް ހިފަހައްޓާފައެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެ، އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެން ގޮސްފައެވެ. އަދި އެ ތަކެތީގެ ޕާސްވޯޑް ދޭން ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވީ ނަމަވެސް، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.

ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.