ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ޓަވަރުތަކުގެ ތިރީގައި ނުގަވައިދުން ބަހައްޓާފަހުރި ތަކެތި ނަގަން އަންގައިފި އެވެ.
އެފްޑީސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓުގެ އާންމު ސަރަހައްދުތަކާއި ކޮރިޑޯތަކުގައި އާންމުންނަށް ދަތިވާނެހެން މުދަލާއި ތަކެތި ބަހައްޓާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އުސޫލުތަކާއި ހިލާފަށް ތަކެތި ބެހެއްޓުމާއި، ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުލޭ ފަރާތްތަކަށް ދަތިރަކާ ކުރިމަތިވެ، ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ނުރައްކާތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެއީ ކަނޑައަޅާފައިވާ އިމާރާތް ބޭނުންކުރުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެހެންކަމުން ޓަވަރުތަކުގެ އާންމު ސަރަހައްދުތަކުގައި އިމާރާތް ބޭނުންކުރުމުގެ ގަވާއިދާ ހިލާފާށް ބަހައްޓާފައިވާ ތަކެތި މިމަހިގެ 15 ވަނަ ދިވަހުގެ ރޭގަނޑު 8 ޖެހުމުގެ ކުރިން ނެގުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައިވެއެވެ.
އެފްޑީސީން ބުނީ ކަނޑައަޅާފައވާ ސުންގަޑިއަށް ނަގާފައި ނުވާ ތަކެތި އެ ކޯޕަރޭޝަނުގެ ފަރާތުން ނަގައި ސަރަހައްދު ދ=ސާފުކުރުމުގެ މަސައްކަރް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި އެއްވެސް މުދަލަކަށް ނުވަތަ ތަކެއްޗަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް ބުނެއެވެ.