މާލެ ސަރަހައްދުން މި ހަފްތާގެ ތެރޭގައި ދެ މީހަކަށް މީސަލްސް ނުވަތަ ހިމަބިހި ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެގޮތުން މި ކޭސްތައް ފެނުމާ ގުޅިގެން ސިއްހީ ޓީމުތަކުން މިހާރު ދަނީ އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލި މީހުންނާ ދިމާވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
އަދި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
އެޗްޕީއޭ އިން ބުނީ މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ރިޕޯޓްކޮށްފައިވާ ކަމައާއި މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައިސްފައިވާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ހާމަރެއެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއާ ގާތް ގައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
މިގޮތުން، އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ހުން އައުމާ އެކު ހަށިގަނޑުން ރަތް ތިކިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް، ދޭތެރެއަކުން މަދުމަދުން މިފަދަ ކޭސްތައް ދަނީ ފެންނަމުންނެވެ.