މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ދެންމެ ނިންމައިފިއެވެ.

އެކަން ވަނީ ޕީއެންސީގެ މަޖިލިސް މެންބަރަކު "ވީނިއުސް"އަށް ކަށަވަރުކޮށްދެއްވާފައެވެ.

މެންބަރު ވިދާޅުވި ގޮތުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވި ޕީޖީ ބައްދަލުވުމުގައި ނާޒިމް، މަޖިލިސް ނައިބު ރައީސްކަމުން ވަކި ކުރަން ވަނީ ނިންމައިފައެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ވެސް މިހާރު ވަނީ ހަމަކޮށްފައެވެ.

ނާޒިމް، މަޖިލިސް ނައިބު ރައީސް ކަމުން ވަކި ކުރަން ނިންމި އިރު، ޕީއެންސީގެ ވަޓްސްއެޕް ގުރޫޕުން ވަނީ މިއަދު ބޭރުކޮށްލައިފައެވެ.

އޭނާ ބޭރުކޮށްލާފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. އެކަން ވަނީ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެންބަރުން ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާ އެ ގްރޫޕުން ބޭރު ކުރި ސަބަބެއް ވިދާޅެއް ނުވެއެވެ.

އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެ އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް މުއިއްޒުއެވެ.