މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިހަފުތާގެ ނިޔަލަށް ދެމިގެންދާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ވަނީ ވައިގަދަވާނެކަމަށް ބެލެވޭތީ ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހިސާބަށްވަނީ 09:30 އިން ފެށިގެން މެންދުރުފަހު 15:30އަށް ހުދު ސަމާލު ނެރެފައެވެ. މެޓު އޮފީހުން ބުނީ މިވަގުތުތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނިގޮތުގައި ބުރާސްފަތި ދުވަހާއި ހަމައަށްވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ހަފްތާ ބަންދުގައިވެސް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ. އަދި ހުރިހާ ހިސާބަކަށްވެސް އެވްރެޖްކޮށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.
މެޓުން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.