ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.
އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.
އަދި، މަޖިލީހުގެ ނައިބު ރައީސްކަމުން އޭނާ ދުރުކުރަން މައްސަލަ ހުށަހަޅަން ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގެ އަޑު ފެތުރުނެވެ.
ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް އޮންނަ ޕީއެންސީގައި އެންމެ ނުފޫޒު ގަދަ އެއް މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގެ އެންމެ ބާރު ގަދަ ދެ ކޮމިޓީގައި ނާޒިމް ކުރިން އިންނެވި އެވެ.
ނަމަވެސް، އެ ދެ ކޮމިޓީން އޭނާ ވަކިކޮށް، މިހާރު ވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ. ނާޒިމް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީންނެވެ.