ސަރުކާރުންގެ އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040ވަނަ އަހަރު އަންނަން ވާއިރު ރާއްޖެއަކީ ހުރިހާ މާނައިގައި ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި ޑައިލޮގަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށެވެ.
ޑައިލޮގުން އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އައްޑޫއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށާއި އެހެންވެ މި ޚިޔާލުތައް ހުށަހެޅުމުގައި ޑައިލޮގްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައި މަޝްވަރާތައް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ސަރުކާރުންގެ އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040ވަނަ އަހަރު އަންނަން ވާއިރު ރާއްޖެއަކީ ހުރިހާ މާނައިގައި ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ވިޔަފާރިވެރިންގެ ތެރޭގައި ސަރުކާރާ ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތައް ތިބޭނެކަން ފާހަގަކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ ފިކުރު ތަފާތުވި ނަމަވެސް ހުރިހާ ފަރާތްތަކުންވެސް އިގްތިސާދީ ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށެވެ.