ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވާލައިފިއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓާ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ބީއެމްއެލްއިން ހުޅުވާލާ ފުރުސަތެކެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑު ކާމިޔާބު ކުރާ ފަސް ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން، މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބީއެމްއެލް އިން ފޯރުކޮށްދެއެވެ. މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމައު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް އެ ބޭންކުން ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ.

"'ބޭންކް ފަންޑް" އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގު ފަހި ކޮށްދިނުމަށް އެ ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް ކަމަށެވެ.

މިގޮތުން އެ ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އެ ބޭންކުން ފަޚުރުވެރިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ 2026 ވަނަ އަހަރު ވެސް، އެ ބޭންކުގެ އުއްމީދަކީ މުޖުތަމައަށް ނަފާ ލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބޭންކް ފަންޑު ތައާރަފުކުރި ފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ ނުވަ ޖަމިއްޔާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ބޭންކުން ބުނީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ.

އެގޮތުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި އަންނަ ޖޫން މަހުގެ 14 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށް އެ ބޭންކުން ހާމަކުރެއެވެ.