މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިހަފުތާގެ ނިޔަލަށް ދެމިގެންދާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ކުރިއަށްއޮތް ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ހެނދުނު 07:50 އިން މެންދުރުފަހު 13:00 އަށް ބ.އަތޮޅުން ފެށިގެން ފ.އަތޮޅަށްވަނީ ހުދު ސަމާލު ނެރެފައެވެ. އަދި ވައިގަދަވާނެކަމަށް ބެލެވޭތީ ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހިސާބަށްވަނީ 09:30 އިން ފެށިގެން މެންދުރުފަހު 15:30އަށް ހުދު ސަމާލު ނެރެފައެވެ.
މެޓު އޮފީހުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މޭ މަހުގެ 8 ވަނަ ދުވަހުގައި މެޓުން ބުނީ ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަޑުގައި ވާރޭ، 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުން 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރެކޯޑު ކުރުން، ވައި، 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި، ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެއް ބާރުމިނުގައި ޖެހުން އަދި ދެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނެއެވެ.