މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްއަކަށް ދެއްވި އިންޓަވިއުއެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ހަވާލުވިއިރު ވާނުވާ ނޭނގޭ ތިންލައްކައެއްހާ ބިދޭސީން ރާއްޖޭގައި ތިބިކަމަށެވެ. ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި އަދި އެ މަސައްކަތުގެ ތެރެއިން މިމަހުގެ 1ގެ ނިޔަލަށް 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނެގިފަވާކަން ވަޒީރު ފާހަަގަކުރެއްވިއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށެވެ.
ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމަށް އޮޕަރޭޝަން ކުރަނގި ފެށިފައިވަނީ 2024 ގެ މެއި މަހުގެ 2 ވަނަ ދުވަހެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއްކުރުމެވެ.