ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި މައިގަނޑު މަޤްޞަދަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމެވެ.
އެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.
އެގޮތުން މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 13 މޭ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެ ޚިޔާލެއް ހުށަހެޅުމަށް މަޖިލީހުގެ އިޢުލާނުގައި އެދިފައި ވެއެވެ. ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލާމަރުކަޒީ ކޮމިޓީގެ އީމެއިލް އެޑްރެސް decentralization_committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް ވަނީ އެދިފައެވެ.
އެ ބިލުގައި ވަނީ އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ހުށަހަޅާފައެވެ.
އަދި ރަށްރަށާއި ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޢާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ހިމެނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް އެ ބިލު ހުށަހެޅި މުހިންމު ސަބަބެކެވެ.