އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަރަހައްދީ މަސައްކަތު ބައްދަލުވުމެއް ރާއްޖެގައި ފަށައިފިއެވެ.
މި ބައްދަލުވުމަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 12 އިން 14އަށެވެ.
އެގޮތުން އެ ބައްދަލުވުމުގެ މަޤްސަދަކީ، ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމާއި، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމާއި، ދިރާސާކުރުމުގެ އިތުރުން، ގައުމުތަކުގެ މެދުގައި އެ މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރުމެވެ.
ހަމައެހެންމެ، އެފަދަ ކަންކަން ހިނގާ ގޮތް ދެނެގަތުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ތަހުގީގުތަކަށް އެހީތެރިވުމަށާއި، ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށް އެކި ގައުމުތަކާއެކު މުހިންމު މަޝްވަރާތައް ކުރުމަކީވެސް މި ބައްދަލުވުމުގެ މަޤްސަދެކެވެ.
އެ ބައްދަލުވުމުގައި 6 ގައުމަކުން ބައިވެރިވާއިރު ދެކުނު އޭޝކިޔާގެ ގައުމުތަކުގެ ތެރެއިން އިންޑިއާ، ބޫޓާން، ނޭޕާލް، އަދި ބަންގްލަދޭޝްގެ މަންދޫބުންގެ އިތުރުން، އެންޓި-ޓިޕް އޮފީހާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މަންދޫބުން ބައިވެރިވެއެވެ.
އެ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ފައިރޫޝް ވަނީ، ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުންފަދަ ކުށްތައް ހުއްޓުވުމުގައި ސަރަހައްދީ އެއްބާރުލުމާއި ހެކީގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ދާހިލީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަރަހައްދީ ބައިވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެގެންދާނެ ކަމަށެވެ.