'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝަހުޒާނާއި ލީވާން ކޯޓަށް ހާޒިރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް "ގެގް އޯޑަރ" ނެރެފައި އޮއްވާ އެ ވާހަކަ ދައްކާ ލިޔުނު ކަމަށް ބުނެ އެވެ.
މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ޝަހުޒާން އަށް ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ސިޓީއަކުން އާދިއްތަ ދުވަހު އެ ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި ހާޒިރު ކުރާ ކަމަށެވެ.
ޝަހުޒާން ހާޒިރުކުރުމުން ވަކީލަކު އައްޔަން ކުރުމަށް އެދުމުން އޭނާއަށް ދިނީ އެންމެ 2 ގަޑި އިރެވެ. އޭނާ ހާޒިރުކުރީ މިއަދު މެންދުރު 1 ޖެހި އިރު އެވެ.
މި މައްސަލާގައި، އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.
އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.