ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޞިއްޙީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ޤަބޫލުކޮށް، ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ޚިދުމަތާއި އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، ޢާއިލާތަކަށް އުންމީދު، އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މިއަހަރުގެ ނަރުހުންގެ ދުވަހުގެ މި ޝިޢާރަކީ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަރުހުން ކުރައްވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށާއި، އޯގާތެރިކަމާއި އަނެކުންނަށް އަޅާލުމުގައި ދައްކަވާ ނަމޫނާ ސާބިތުކަމަށްޓަކައި، ހުރިހާ ނަރުހުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާކަމަށެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ. އޭގެތެރޭގައި އަންހެން 3,593 ނަރުހުން ހިމެނޭއިރު ފިރިހެން 314 ނަރުހުން ވެސް ހިމެނެއެވެ.