ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ.
މިއީ މުޖުތަމަޢަށް ނަރުހުން ކޮށްދޭ އަގުނުކުރެވޭ ފަދަ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ނަރުހަކީ ހަމައެކަނި ބޭސް ދޭ މީހެއް ނޫނެވެ. އެއީ ބަލިމީހާގެ ވޭން އިހުސާސް ކުރާ، ހިތްވަރު ދޭ، ޢާއިލާއަށް ތަސައްލީ ދޭ، އަދި ދިރިހުއްޓާ މަރާއި ދެމެދު އޮންނަ ހިނދުކޮޅުގައި އެންމެ ކައިރީގައި ހުންނަ އިންސާނާއެވެ. ތިޔަ ޚިދުމަތަށް ސާބަސް ރައްދުކުރަމެވެ.
ބަލި މީހުންނާއި އެމީހުންގެ އާއިލާތަކަށް އަޅާލުމާއި، ހިތްހަމަޖެހުމާއި، އޯގާތެރިކަން ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ނަރުހުންނެވެ. ނަރުހުންނަކީ ސިއްހީ ނިޒާމުގެ ވިންދެވެ.
"ސިއްހަތާއި ގާބިލުކަން ރައްކާތެރިކޮށް، ކުރިއަރުވައި، ބަލިތަކާއި އަނިޔާތަކުން އާންމުން ރައްކާތެރިކޮށްދީ، ބަލި ދެނެގަތުމުން ފަރުވާދީގެން ތަކުލީފުތައް ކުޑަކޮށްދިނުން" މިއީ އެމީހުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކޮވިޑް 19އާ ދެކޮޅަށް ކުރި މަސައްކަތުގައި ނަރުހުން ދެއްކި އިޚްލާޞްތެރިކަމާއި ބަލިމީހުންނަށް ޚިދުމަތްކުރުމުގައި 2 އަހަރަށްވުރެ ގިނަ ދުވަހު ކެތްތެރިކަމާއެކު އުފުލި އެތައް ތަކުލީފުތަކުން ވަނީ އެ މީހުންގެ ގުރުބާނީން މިންވަރެއް ސާބިތުކޮށްދީފައެވެ.
މާލޭގެ ބޮޑެތި ހޮސްޕިޓަލުތަކުން ފެށިގެން ރަށްރަށުގެ ޞިއްޙީ މަރުކަޒާ ހަމައަށް، 24 ގަޑިއިރު ޚިދުމަތުގައި ތިބި ނަރުހުން ނެތް ނަމަ އެތައް ފުރާނައެއް ސަލާމަތް ނުވީހެވެ. ކޯވިޑް-19 ގެ އާލަމީ ވަބާގައި ގެއަށް ނުގޮސް، ދަރިންނާއި އާއިލާއާ ދުރުގައި މަސްތަކެއް ވަންދެން މަސައްކަތް ކުރި ނަރުހުންގެ ވާހަކައަކީ ތާރީޚުން ފޮހެލެވޭނެ ވާހަކައެއް ނޫނެވެ.
ނަރުހުންގެ ޚިދުމަތަކީ ނުހަނު ގިނަ ދަރުމައާ ސަވާބު ލިބޭނެ އިންސާނީ ޚިދުމަތެކެވެ.
ނަރުހުންގެ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ. ތިޔައީ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ޝުކުރިއްޔާއޭ ބުނެގެން ފުއްދައިލެވޭނެ ޚިދުމަތެއް ނޫނެވެ. ތިޔައީ އެއަށްވުރެ އަގުހުރި، ސީރިޔަސް، ބުރަ ޚިދުމަތެކެވެ.
އެފަދަ އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިމަތިލާނީ ހިތްވަރުގަދަ ބޭފުޅުންނެވެ. ތިޔަ ހިތްވަރަށް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.
ތިޔަ އަތްތަކުގައި ﷲ ޝިފާ ލައްވައި ހިތްތަކުގައި ރަހުމާ އޯގާތެރިކަން ލައްވާށިއެވެ! އާމީން.