ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ނިޒާމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަރުހުންނަކީ ބަލި މީހުންނަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ދުނިޔެއަށް ދިމާވާ ގޮންޖެހުންތައް އިތުރުވަމުންއަންނައިރު ނަރުހުންގެ ދައުރު ކުރިއަށްވުރެ މުހިންމުވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ އެ ދާއިރާގައި މަސައްކަތް ކުރާ ވަކިވަކި ނަރުހުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އޭގެ އިތުރުން މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ލިބޭ އިނާޢަތްތައް އިތުރުކުރުމާއި ސިޔާސަތުތައް ހަރުދަނާކޮށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ހަރުދަނާ ޞިއްޙީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޤައުމަށް ނަރުހުން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކޮއް، ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12ވަނަ ދުވަހުއެވެ.