ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފައި ކަމަށާއި މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައި ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ / ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ އިސްމާޢީލް (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ 2026 އެޕްރީލް 30 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މިއީ ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އެމުނިގެން ދިޔަ އިތުރު ބޮޅެއް ކަމަށެވެ.