ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރގެ މި ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ އެސް ޖައިޝަންކަރްގެ ދަޢުވަތުފުޅަކަށް، އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އަދި މިއީ އެކަމަނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާނެއެވެ.