އިންޑިއާގެ އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ދިވެހިންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން "ގްލޯބަލް ދުކާން" ގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
މި ހިދުމަތުގެ ދަށުން ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް، އެ މީހަކު ހުރި ތަނަކަށް މޯލްޑިވްސް ޕޯސްޓުން ޑެލިވަރީ ކޮށްދޭނެއެވެ.
ޕޯސްޓު ލިމިޓެޑުން ބުނީ އަލަށް ތައާރަފުކުރި މި ހިދުމަތާއެކު، އިންޑިއާގެ އެންމެ މަޝްހޫރު މާކެޓްޕްލޭސްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ޕްލެޓްފޯމްތަކުން ދިވެހިންނަށް މިހާރު ފަސޭހަކަމާއެކު މުދާ ގަނެވޭނެ ކަމަށެވެ.
މިގޮތުން "ގްލޯބަލް ދުކާން" މެދުވެރިކޮށް ފެޝަން، ލައިފްސްޓައިލް، އިލެކްޓްރޯނިކްސް، ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ބިއުޓީ އެންޑް ވެލްނެސްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް ޕޯސްޓުން ހާމަކުރެއެވެ.
ޕޯސްޓުން ބުނީ މި ހިދުމަތުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، އިންޑިއާގެ ވެބްސައިޓްތަކުން ވިޔަފާރިކުރާއިރު އާންމުކޮށް ބޭނުންވާ އިންޑިއާގެ އެޑްރެސް މި ހިދުމަތް ބޭނުންކުރާއިރު ބޭނުންނުވާނެ ކަމަށެވެ.
މިގޮތުން މިއީ އިންޑިއާގެ މާކެޓުން މުދާ ގަންނަން ބޭނުންވާ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް ޕޯސްޓުން ހާމަކުރެއެވެ.
ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރާނެ ގޮތް:
މި ހިދުމަތް ހޯދުމަށްޓަކައި އެޕް ސްޓޯރ ނުވަތަ ޕްލޭ ސްޓޯރ އިން "Global Ducan" އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. ނުވަތަ www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް ވިޔަފާރިކުރެވޭނެއެވެ. އެޕަށް ލޮގިންވުމަށްފަހު، ހޯމް ސްކްރީނުން ފެންނަން ހުންނަ އިންޑިއާގެ އެކި ޕްލެޓްފޯމްތަކުގެ ތެރެއިން ބޭނުންވާ ފިހާރައެއް ހިޔާރުކުރެވޭނެއެވެ.
ގްލޯބަލް ދުކާންގެ ހާއްސަ ސިފައަކީ ވަކިވަކި ވެބްސައިޓްތަކަށް ސައިންއިން ކުރަން ނުޖެހި، "Shop via Global Ducan" އަށް ފިތާލުމުން އައިޓަމްތައް ކާޓަށް އިތުރުކުރެވުމެވެ. އަދި ތަފާތު އެކި ވެބްސައިޓްތަކުން ގަންނަ ތަކެއްޗަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
މީގެ އިތުރުން މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލް ސެންޓަރު ނަންބަރު 3315555 އަށް ގުޅުއްވުމަށް ނުވަތަ ޕޯސްޓްގެ ވެބްސައިޓްގައިވާ 'ޓޯކް' މެދުވެރިކޮށް މެސެޖު ކުރުމަށް މޯލްޑިވްސް ޕޯސްޓުން އެދެއެވެ.