ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް، އޭއެމްއެސް ރަސްމީކޮށް ފަށައިފިއެވެ.

މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ.

"މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދަނީ މި މަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ.

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި މީޑިއާ ދާއިރާގެ އިސްވެރިންގެ އިތުރުން އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ އެކި ޤައުމުތަކުގެ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

މި ސަމިޓުގެ ތެރެއިން މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ހައި ލެވެލް މިނިސްޓީރިއަލް ސެޝަނެއްވެސް ހިމެނެއެވެ.

މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ މީޑީއާތަކަށް ހުރި ގޮންޖެހުންތަކާއި، ކުރިއަރަމުން އަންނަ ޑިޖިޓަލް މީޑިއާގެ ޒަމާނުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރާއި، އޭއައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން ހިމެނޭ ސެޝަން ހިމެނެއެވެ.

މީޑިއާ ދާއިރާގެ މުސްތަޤުބަލަށް ޒުވާނުންގެ އަޑާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާ ހިއްސާކުރުމާއި، ސަމިޓުގައި ބައިވެރިވާ އެކި ޤައުމުތަކުގެ މީޑިއާ އެންޑް ބްރޯޑްކާސްޓަރުންގެ މެދުގައި ކޮންޓެންޓްތައް ޝޯވކޭސް ކުރުންވެސް އެ މައުލޫތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ސަމިޓުގައި ޚާއްސަ ގާލާ ޑިނާރއަކާއި ކަލްޗަރަލް ޝޯވއެއްގެ އިތުރުން އޭއައިބީޑީ އިންޓަރނޭޝަނަލް މީޑިއާ އެވޯޑްސް ދިނުންވެސް ކުރިއަށްދާނެއެވެ.

މި ސަމިޓު ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.