އއ. ރަސްދޫގައި ޗައިނާ ބަޔަކު ދިވެއްސަކަށް ހަމަލާދިން މަންޒަރު ފެނުމުން ޝޮކަކަށް ދިޔަ މަންމައަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު ދިވެހި މީހަކަށް ހަމަލާދިން މަންޒަރު އެ ދިވެހި މީހާގެ މަންމައަށް ފެނި ޝޮކެއް ލިބި އެ އަންހެންމީހާ އަށް ރަސްދޫގައި ފަރުވާ ދިނުމަށްފަހު، އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ދިޔައީ ފަރުވާދެމުންނެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު އެ އަންހެން މީހާ ވަނީ ނިޔާވެފައެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ދަންވަރު 00:51 އެހައިކަންހާއިރު، ރަސްދޫ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ ޗައިނާގެ ދެ ރައްޔިތަކު، މީހަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.