މާދަމާ އައްޑޫ ސިޓީ އަދި އައްޑޫ އަތޮޅުގައި ފަށާ "އައްޑޫ ބިޒްނަސް" ޑައިލޮގްގެ ތަޖުރިބާއަށް ފަހު އަމާޒަކީ ރާއްޖޭގައި އެ ޕްރޮޖެކްޓް ފުޅާކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ބިޒްނަސް ޑައިލޮގް މަހާސިންތާ ކުރިއަށްދާނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫގައި ބިޒްނަސް ޑައިލޮގް ގެންދަން ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ފުޅާކޮށް މަޝްވަރާކުރައްވައިގެން ކަމަށާއި އެ ޑައިލޮގްގައި އައްޑޫގެ ވިޔަފާރިތަކާއި، މާލޭގައި ދިރިއުޅޭ އައްޑޫގެ ވިޔަފާރިވެރިންނާއި، އިދާރާތަކާއި ފަންނީ ބޭފުޅުންނާއެކު މަހާސިންތާގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެ ފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަހާސިންތާގެ މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެ ކަމަށެވެ.

ހަމައެހެންމެ މި މަޝްރޫޢަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަހާސިންތާގައި ވިޔަފާރިވެރިންގެ އިތުރުން އައްޑޫ ސިޓީގައި ތިއްބެވި ޢިލްމީ ބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކުން ބައިވެރިވާނެއެވެ.

"މިހާރު 500އާ ގާތްކުރާ އަދަދަަކަށް ރަޖިސްޓްރޭޝަން އެބައުޅޭ. ދެދުވަހު އަޅުގަނޑުމެން މި ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި ހުޅުވާލެވިގެން އައްޑޫގައި އެކްސްލެރެޓޭޑް ޑިވެލޮޕްމަންޓެއް ގެނައުމަށްޓަކައި އަދި މި އިކޮނޮމީ އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި ކޮބާތޯ ސަރުކާރުން ކޮށްދޭންވީ ކަންކަމަކީ. ކޮންކަހަލަ އިންސެންޓިވްސްތަކެއް ތޯ ދޭންވީ މި ބަލަނީ." މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މަހާސިންތާގައި އައްޑޫގައި ތިބި ވިޔަފާރިވެރިންގެ އިތުރުން، މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވާނެ ކަމަށެވެ.