މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 2.63 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އޮތޯރިޓީން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަައް ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު %0.3 މަދު އަދަދެކެވެ. ނަމަވެސް މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ %16 އިތުރު އާމްދަނީއެއް ކަމަށް މީރާއިން ބުނެފައި ވެއެވެ.

އޭޕްރީލް 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %16.6 އިތުރުވި މައިގަނޑު އެއް ސަބަބަކީ ރިޒޯޓުތަކުގެ ކުއްޔާއި، ޖިއެސްޓީ އަދި ވާކް ޕާމިޓް ފީ އިން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީރާ އިން ބުނީ އޭޕްރީލް 2026 ގައި ލިބިފައިވާ އާމްދަނީގެ %32.6އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އާމްދަނީގެ % 14.2 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ޖީ.އެސް.ޓީގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވާނެކަމަށް ބެލެވޭތީ، ފަތުރުވެރިން އަންނާނެ ކަމަށް ކުރިން ލަފާކުރި އަންދާޒާތައް ވަނީ ދަށްކޮށް މުރާޖަޢާކޮށްފައެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އޭޕްރީލް 2025 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު އޭޕްރީލް 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އާމްދަނީއާއި ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %19.8 ދަށްވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެއިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ އާމްދަނީ ވަނީ 2025 ވަނަ އާރާ އަޅާބަލާއިރު ދަށްވެފައެވެ.

އޭޕްރީލް 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 543 ބިލިއަން ރުފިޔާ ހޯދައިފައެވެ.

މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 372 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 96 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ.

ހަމައެއާއެކު އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 64 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 5 މިލިއަން ރުފިޔާ އާއި އެކްޝަން ޕޮލިސީގެ ދަށުން 4 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.

އޭޕްރީލް 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %63.6 ނުވަތަ 1.7 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %7.1 ނުވަތަ 185 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 178 މިލިއަން ރުފިޔާ (%6.8)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 152 މިލިއަން ރުފިޔާ (%5.8)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 152 މިލިއަން ރުފިޔާ (%5.8)، އަދި ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 129 މިލިއަން ރުފިޔާ (%4.9) ލިބިފައިވެއެވެ.

އޭޕްރީލް 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.