ޒުވާނުންނަށް ތަޢުލީމީ ކުރިމަގު ޕްލޭން ކޮށް، އެކުދިން ބޭނުންވާ ކެރިއަރ އެއް އިޚްތިޔާރު ކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ގެ ނަމުގައި ޕްރޮގްރާމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އެ ކެރިއަރ ގައިޑަންސް ހަރަކާތް އޮންނާނީ މި އަހަރުގެ މެއި މަހު އެވެ.
ޒުވާނުންނާއި ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތް އޮންނާނީ މެއި މަހުގެ 15 އިން 16 އަށް މީރުމާގައެވެ.
މި ހަރަކާތުގެ ތެރެއިން އުނގެނުމަށް ލޯބި ކުރާ ކުދިންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
"މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޒުވާނުން އެމީހުންގެ ކުރިމަގާ މެދު ވިސްނައި، ހަރުދަނާ ނިންމުންތައް ނިންމުމަށް އެހީތެރިވުން" ކްލިކް ކޮލެޖުގެ މާކެޓިންގ އެގްޒެކެޓިވް ފާތިމަތު ސާރާ ވިދާޅުވިއެވެ.
އަދި ދަރިވަރުން ގިނަ ފަހަރަށް ކޯސްތައް އިޚްތިޔާރު ކުރަނީ ހަމައެކަނި އެ ވަގުތަކު ހުންނަ ޝައުޤުވެރިކަމަކަށް ބަލައިގެން ކަމަށާއި ނަމަވެސް ކޯހަށްފަހު ދެން އޮންނަ މަރުޙަލާއަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ކޮލެޖުން ބުނީ ބޭނުން ވަނީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ކުރިއަށް ދެވޭނެ ދާއިރާތަކާ ގުޅޭގޮތުން ރަނގަޅު އިރުޝާދު ދޭނެ ތަޖުރިބާކާރުންނާ ދަރިވަރުން ގުޅުވައިދިނުމަށް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެ ފުރުޞަތުތައް:
- ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ސީދާ ބައްދަލުކޮށް މަޝްވަރާ ކުރުން.
- މަތީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް ދެވޭނެ މަގުތަކާއި، މިހާރު އެންމެ ބޭނުންތެރި ހުނަރުތަކާ ބެހޭ މަޢުލޫމާތު ހޯދުން.
- ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ޑިމާންޑު ބޮޑުވާނެ ވަޒީފާތަކާއި، އަލަށް އުފެދެމުން އަންނަ މަސައްކަތުގެ ދާއިރާތަކާ ބެހޭ އިރުޝާދު ހޯދުން.
ތަޖުރިބާކާރުން ބާއްވާ ޕެނަލް ޑިސްކަޝަންތަކުގެ މައުޟޫޢުތައް:
ފަތުރުވެރިކަން
ބިޒްނަސް މެނޭޖްމަންޓް
މާކެޓިންގ
ހިއުމަން ރިސޯސް މެނޭޖްމަންޓް ކްރިމިނޮލޮޖީ
ކުޅިވަރު
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތަޢުލީމު
މެޑިސިން
އިންޖިނިއަރިންގ
ޕައިލެޓްކަން
އިންފޮމޭޝަން ޓެކްނޮލޮޖީ
ސްޕޭސް ރިސާޗް
އިވެންޓުގެ ތެރެއިން ކުރިއަށްދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި:
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމާއި އެކި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުން.
- ނަފްސާނީ ދުޅަހެޔޮކަމާ، ރިޕްރޮޑަކްޓިވް ހެލްތް އާއި ގުޅޭގޮތުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދިނުން.
އެ ކޮލެޖުން ބުނީ ޒުވާނުން ކުރިއަށްދާނެ ދާއިރާއެއް އިޚްތިޔާރު ކުރުމުގައި ނުވަތަ މުސްތަޤުބަލުގެ ނިންމުންތައް ނިންމުމުގައި، "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" އަކީ އިތުބާރާއެކު އައު ފުރުޞަތުތަކަކަށް ހުޅުވިގެންދާނެ މަގަކަށް ވާނެ ކަމަށެވެ.
ރަޖިސްޓްރީ ކުރުމަށް:
އެ ހަރަކާތުގެ އެކި ސެޝަންތަކުގައި ތިރީގައިވާ ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.
https://docs.google.com/forms/d/e/1FAIpQLSfJBhczyZOP6s66ANbHiZiV5T1lckNTwp0d9q3uhaarIR8o2w/viewform?usp=header