މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާސިފް ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ެއާސިފް މަގާމުން ވަކިކުރީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައެވެ.
ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައިގައި ވަޒީފާއިން ވަކިކޮށް އެކަން މީޑިއާގައި ރިޕޯޓް ކުރުމުން، އާސިފް ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު ވަޒީފާއިން ވަކިކުރުމުން، އޭނާ ދިޔައީ ކޯޓަށެވެ.
އާސިފްގެ ފަރާތުން ކޯޓުގައި އެދުނީ އޭނާ ވަޒީފާއިން ވަކިކުރީ ބަލަން ޖެހޭ ކަންކަން ނުބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށާއި އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރަން ކަރެކްޝަނުން ނިންމި ނިންމުން ބާތިލްކުރުމަށެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ނިމެންދެން، އެ މަގާމަށް އިތުރު މީހަކު މީހަކު ނެގުން ކޯޓުން އޮތީ ހުއްޓުވާފައެވެ.
ސިވިލް ކޯޓުން ކަރެކްޝަންސްގެ މައްޗަށް އަމުރުކުރީ، އާސިފް އަދާކުރެއްވި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމަށް މުވައްޒަފަކު ނެގުން މަޑުޖައްސާލައި، މުވައްޒަފެއް ނަގަން މަސައްކަތްކުރާ ނަމަ އެކަން ކުރުން ހުއްޓާލުމަށެވެ.
އެގޮތުން، ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.