އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ ކައުންސިލް، ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ޝަންހާއީއަށް ފުރާވަޑައިގެންފިއެވެ.

އެގޮތުން މިއަދު ޝަންހާއީގައި ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ދުނިޔޭގެ މުހިންމު މައްސަލަތަކާއި، އދގެ މުހިއްމު އަމާޒުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. ޝާހިދަކީ އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސެވެ.

"އުންމީދުގެ ރިޔާސަތު" ގެ ނަމުގައި އެ މަނިކުފާނު ކުރިއަށްގެންދެވި ދައުރުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން އދ. އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ވަކިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށާއި، ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކުރުމަށް އެމަނިކުފާނު ދެއްވި އަހައްމިއްޔަތުކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވެއެވެ.

ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީއަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް 1997 ވަނަ އަހަރު އުފެއްދި ކައުންސިލެކެވެ.

މި ކައުންސިލުން މަސައްކަތް ކުރަނީ އދ. ގެ މަސައްކަތްތަކަށް، ވަކިން ޚާއްސަކޮށް އދގެ އާއްމު މަޖިލީހުގެ އެއިރެއްގައި ހުންނަވާ ރައީސަކަށް ލަފާދިނުމަށާއި، ދުނިޔޭގައި އުފެދޭ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އާންމު މަޖިލީހުގެ ދައުރު ހަރުދަނާ ކުރުމަށެވެ. ޝާހިދަކީ މި ކައުންސިލްގެ މަސައްކަތްތަކުގައި ވަރަށް ހަރަކާތްތެރި މެންބަރެކެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާދު، ގަތަރުގެ ދޯހާ އަދި ސްލޮވާކިއާގެ ބްރަޓިސްލާވާގައި ބޭއްވި މި ކައުންސިލްގެ ބައްދަލުވުންތަކުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގެން، ބައިނަލްއަގުވާމީ ސުލްހައާއި ތަރައްގީއަށް މުހިންމު ހިޔާލުތަކެއް ހުށަހަޅުއްވާފައިވެއެވެ.