އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހޭ މިންވަރު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލްމަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރު ވެފައިވާ ކަމަށެވެ. އަދި އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު ވެސް މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން އަރިދަފުސްރޯގާ ޖެހިގެން މާރިޗު މަހު 20،761 ކޭސް ރިޕޯޓު ކޮށްފައިވާއިރު އެޕްރީލްމަހު 24،221 ރިޕޯޓު ކޮށްފައިވެއެވެ.
މީގެ އިތުރުން މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލްމަހު އިންފްލުއެންޒާގެ އަލާމާތްތަށް ހުރެގެން ޓެސްޓު ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓު ކޮށްފައިވާ 1،201 ސާމްޕަލްގެ ތެރެއިން 171 ސާމްޕަލް ވަނީ ޕޮސިޓިވް ވެފައެވެ.
އެޗްޕީއޭއިން ބުނީ، މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލްމަހު ބޭރަށްހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ދަށްވެފައިވާކަމަށެވެ. އެގޮތުން މާރިޗު މަހު 4،454 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އިރު، އޭޕްރިލް މަހު ރިޕޯޓުކޮށްފައިވަނީ 3،993 މީހުންނެވެ.
އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތަށް އެޅުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.