އައްޑޫގައި ވައްކަން އިތުރުވުމުން ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އަންގަން އެދިއްޖެއެވެ.
އައްޑޫ ސިޓީ ފޮލިހުން މިއަދު ވަނީ ވަގަށް ނަގާފައިވާ ބައެއްތަކެތީގެ ފޮޓޯއާންމުކޮށް އެއީ އައްޑޫ ސިޓީ، ގަން ޕޮލިސްއަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގައި ގެއްލުނު ތަކެތީގެ ތެރެއިން ގަން ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ހޯދާފައިވާ ބައެއް ތަކެތި ކަން ހާމަކޮށްފައެވެ.
އަދި މި ދުވަސްކޮޅު ވައްކަން ގިނަކަން ފާހަގަ ކުރެވޭތީ، ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއްދީގެ ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ފުލުހުން ވަނީ ކުށް ކުރާމީހުންނާއިމެދު ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ރައްޔިތުން ތިބުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވައްކަން ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސް ނުކޮށް ކޯލް ސެންޓަރު ނަމްބަރު 125 އަށް ގުޅައި، މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިގޮތުން ފުލުހުން ވަނީވަގަށް ނަގާ ތަކެތި ނުއަގުގައި ވިއްކާ ފަރާތްތަކާއި، ގަންނަ ފަރާތްތަކުގެ މަޢުލޫމާތު ލިބޭނަމަ އެ މަޢުލޫމާތު 125 އަށް ގުޅާ ހިއްސާކޮށް ދިނުމަށްވެސް އެދިފައެވެ.
ވައްކަމުގެ މައްސަލަތަކުގައި ގެއްލުނު ބައެއްތަކެތި ހޯދާ އޭގެ ފޮޓޯ ފުލުހުން އާންމުކޮށްފައިވާއިރު އެ ތަކެތީގެ ތެރޭގައި ބައިސްކަލު، ސިމެންތި ކޮތަޅު، އަދި ކަރަންޓާ ގުޅޭ ސާމާނު ހިމެނެއެވެ.