މައުލޫމާތުހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިތަކަށް ހާއްސަ އިސްކަމެއްދީގެން ޖަވާބުދީ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެ އޮފީހަށް ހުށެހެޅިފައިވާ އާރުޓީއައިގެ ތެރޭގައި، ހުށަހެޅި ފަރާތްތަކަށް ޖަވާބު ނޭރުވޭ އާރުޓީއައިތައް އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން ހާއްސަ އިސްކަމެއްދީގެން ރައީސް އޮފީހަށް ހުށަހެޅިފައިވާ އާރުޓީއައި ތަކަށް ޖަވާބުދިނުމަށް އަންގާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާނަމަ ވަކި ވަކިން ކޮންމެ ކޭހެއްވެސް ބަލާފައި އަޅުގަނޑު ސީދާ ބަލަންޖެހޭ ކަންކަން ބަލާފައި ގާނޫނު އަސާސީގެ ތެރެއިން އަޅުގަނޑުގެ ޒިންމާގެ ތެރެއިން ބަލަންޖެހޭ ކަންކަން ބަލާފައި މައުލޫމާތު ދޭނަން. އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ގައުމުގެ ސަލާމަތަށް ނުރައްކާ ވާކަށް. އެ ނޫން ހުރިހާ އާރްޓީއައިތައް ވަރަށް އަވަހަށް ނިންމާދޭނަން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކަށް ހުށަހެޅިފައިވާ އާރުޓީއައިތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމަށް ވެސް މިހާރު އަންގަވާފައިވާނެ ކަމަށެވެ.