ނޫސްވެރިންގެ ބައްދަލުވުންތަކަކީ ވަކިވަކި ފަރުދުންނާ ޒާތީގޮތުން ދިމާކުރުމަށް އޮތް ފުރުޞަތެއް ނޫން ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު މިއަދު ވިދާޅުވީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ވަނީ ޖާގަދީފައި ކަމަށެވެ.
އަދި މިއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށާއި ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އޭގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރާ މަދު ނަމަވެސް ބައެއްް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން އެ ދަނީ ނަހަމަގޮތުގައި ބޭނުން ކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ.
އެގޮތުން ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުޢިއްޒު އެ ފުރުސަތު ދެއްވާ ކަމަށްވެސް ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.
އަދި އެއީ ޙަޤީޤަތް ކަމަށާއި އެއްވެސް އިތުރު މޮޑަރޭޝަންއަކާ ނުލާ ކޮންމެހަފްތާއަކު އެއްފަހަރު ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ހުޅުވާލެވިފައިވާ މާޙައުލެއްްގައި މަޢުލޫމާތު ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކާއި ސިޔާަސަތުތައް ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވުމަށް ކަމަށްވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިން މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފަން ވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަމަށްވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ސަޢީދު ކުރެއްވި އެކްސް ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރުމުން އެ ނޫސްވެރިޔާ ބައްދަލުވުމުން ނެރުނު ހާދިސާއަށް އިޝާރާތް ކުރައްވައެވެ.