ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަަދެވެ.

މި ގަރާރު މަޖިލީހުން ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ގަރާރު ބަލައިގަތުމަށް ވޯޓު ދީފައިވަނީ 41 މެންބަރުން އަދި މި ގަރާރަށް 8 މެންބަރަކު ވަނީ ގަރާރު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދީފައެވެ.

މިގަރާރު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ގަރާރުގައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫން ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާކޮށްފައެވެ.

އަދި ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ސިޔާސީ ޕާޓީ އުފައްދައި ޕާޓީތަކުގެ ހަރަކާތްތަކުގެ ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

ގަރާރުގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި ހިލާފަށް ހިންގަމުންދާ ގާނޫނާ، ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާތީ އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާއިމެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.