ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި " ސައިބަރ ސެކިއުރިޓީ ބިލް " ހުށަހެޅުމުގެ ބޭނުމަކީ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަނޑައެޅުމާއި، ދާހިލީ އަދި ކޮރޮސް-ބޯޑާރ ސައިބަރ ސެކިއުރިޓީ ތްރެޓްތައް ދެނެގަނެ، ސައިބަރ ސެކިއުރިޓީ އިންސިޑެންޓްތައް ހުއްޓުވޭނެ، އަދި އެފަދަ ތްރެޓްތަކާއި އިންސިޑެންޓްތަކަށް ތައްޔާރުވެ، އިޖާބަދެވޭ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ކަމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އެގޮތުން، މި ބިލުގެ ދަށުން ޤާއިމުކުރާ ދިވެހިރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ، އަންނަނިވި މައިގަނޑު ކަންކަން ހާސިލުކުރުމެވެ.
ދިވެހިރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުމާގުޅޭ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ޤާއިމުކޮށް، އެ އެޖެންސީގެ މަސްއޫލިއްޔަތުތަކާއި ބާރިތައް ކަނޑައެޅުން
- ދިވެހިރާއްޖޭގެ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތަކާ ގުލޭގޮތުން ފުރިހަމަވާނެގެހޭ ސަލާމަތި އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުން
- ބައިނަލްއަޤްވާމީ ސައިބަރ ސެކިއުރިޓީ ސްޓެންޑަރޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ސައިބަރ ސެކިއުރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުން
- ދަހިލީ އަދި ކްރޮސް-ބޯޑަރ ސައިބަރ ސެކިއުރަޓީ ތްރެޓްތައް މޮނިޓަރކުރުމަށާއި ސައިބަރ ސެކިއުރިޓީ އިންސިޑެންޓްތަކަށް އިޖާބަދިނުމާގުޅޭ ނިޒާމުތައް ޤައިމުކޮށް، ކަމާބެހޭ އުސޫލުތައް ކަނޑައެޅުން
މި ބިލުގައިވާ ގޮތުން ދިވެހިރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ލަފާގެ މަތިން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.