ސަރުކާރުން މަސައްކަތްކުރަނީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރަން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިއާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މި ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ހަމައެކަނި ފަލްސަފާއެއް ނޫން، އެއީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް، އަންނަން އޮތް ޖީލުތަކުގެ ފާގަތިކަން ބިނާވެފައިވަނީ ކަނޑުފަޅުތަކުގެ ދިރުމާއި ދުޅަހެޔޮކަމުގެ މައްޗަށް" މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ވަސީލަތެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ މުސްތަގުބަލު ބިނާވެފައިވަނީ، އެކަކު އަނެކަކަށް އިތުބާރުކޮށް، އިންސާފުވެރިކަމާއެކު، އަދި އެންމެންގެ ޒިންމާއެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ، އައްސޭރިފަށުގެ މުޖުތަމައުތަކާއި، ކާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ އާމްދަނީގެ އިތުރުން، ދުނިޔޭގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވެގެންދާނެ ކަމަށެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ މި އަހަރުގެ އަހަރީ ބައްދަލުވުން ރަސްމީކޮށް މިއަދު، ބާޗެލޯ ނަސަންދުރާގައި ފަށާފައިވާއިރު، މި މަހުގެ 4 އިން 15 އަށް މި ބައްދަލުވުން ކުރިއަށް ގެންދާނެއެވެ.