ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ދެމުންދާ 500 ޑޮލަރު 1000 ޑޮލަރަށް ބަދަލު ނުކުރެވި އޮތީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް ރާއިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރު ގައި ވީއައޭއިން ފުރާ ދިވެހިންނަށް ދޫކުރާ 500 ޑޮލަރު 1000 ޑޮލަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް އަހަރުގެ މިހާތަނަށް އެ ވައުދު ނުފުދި އޮތީ ކީއްވެގެންތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވި އިރު 2026 ވަނަ އަހަރުގައި މެދުއިރުމަތީގެ ހަނގުރާމައެއް ފެށިގެންދާނެ ކަމަށް އެނގި ނުލައްވާ ކަމަށެވެ.

" އެއީ ވީގޮތަކީ ހަނގުރާމަ އާއި ގުޅިގެން އެމްއެމްއޭއިން ހިސާބު ހައްދަވާފަ އެބޭފުޅުން އެ ބައްލަވަނީ އެންމެ އަވަހަށް ކިހާ އަވަހަކަށްތޯ އެ ބޭފުޅުންގެ ގޯއަހެޑްއެއް ދެއްވެވޭނީ، އެއީ ވެގެން އުޅޭގޮތަކީ"

ރާއިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރާއީސް ވަނީ 2025 އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވުނު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1000 ޑޮލަރަށް ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިސަރުކާރުން 2024 ވަނަ އަހަރު އެޅި ފިޔަވަޅުތަކާއެކު ޑޮލަރު ލިބުމުގެ މައްސަލައަށް ހައްލު އަންނާނެކަމަށް އޭރު ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން، ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމްކުރެވި، ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެ ކަމަށެވެ.

އަދި 2026 ގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ބަދަލުކޮށް،  ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކުވެސް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ކުޑަނުވެ އިތުރަށް އުނދަގޫވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.