ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކަރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމްއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު"ގައި ބަޔާންކޮށްފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ދިވެހިރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްޤުތަކާއި، މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުންކަމުގައެވެ.
އެގޮތުން، މި ބިލުގެ ދަށުން ޤާއިމުކުރާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ، އަންނަނިވި މައިގަނޑު ކަންކަން ހާސިލުކުރުމަށެވެ.
ޒާތީ މައުލޫމާތު އެއްކުރާ ނުވަތަ ޕްރޮސެސްކުރާ ނުވަތަ ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން
- ޒާތި މައުލޫމާތު ޕްރޮސެސްކުރުމުގެ އާންމު ހަމަތަކާއި އުސޫލުތަކާއި، ޒާތީ މައުލޫމާތުގެ ހާއްސަ ބާވަތްތަކާއި ޕޮރެސެސްކުރުންތަކާގުޅޭ އުސޫލުތައް ބަޔާންކުރުން
- ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާއި އެހެނިހެން ކޮރޮސް-ބޯޑަރ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފަރކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން
- ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެނަމަ، މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުން
- މި ޤާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި، އެނާގެ މަސްއޫލިއްޔަތުތަކާއި ބާރިތައް ކަނޑައެޅުން
- ޕްރައިވަސީ ކޮމިޝަނަރަށް ޝަކުވާ ހުށަހެޅުމުގެ އުސޫލުތަކާއި، ޝަކުވާތައް ބަލައި އެޅުމުގައި ކޮމިޝަނަރަށް ލިބޭ ބާރުތައް ކަނޑައެޅުން
މި ބިލުގައި ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.