ރައްޔިތުންނާއެކު ރައީސް މީގެކުރިން ކުރިޔަށްގެންދެވި ބައްދަލުވުންތައް ޖޫން މަހުން ފެށިގެން އަލުން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިން ގެންދިޔަގޮތަށް ރައްޔިތުންނާއެކު ބައްދަލުވުންތައް ފަށާނެކަމަށެވެ. އެއީ މާލޭގައި ކުރިޔަށްދާ ބައްދަލުވުންތައްކަމުގައިވާނަމަ އަވަށު ބައްދަލުވުންތަކުގެ ގޮތުގައި އެބައްދަލުވުންތައް ކުރިޔަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިބައްދަލުވުންތައް ވަގުތު އޮންނަ ގޮތަކުން ހަފްތާއަކު އެއްދުވަހު ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން މަސްވެރިކަމުގެ ދާއިރާ ވަކިވަކިން ބައްދަލުވުންވެސް.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީގެއިތުރުން ރަށްރަށަށް ދެ ފަހަރަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ދެވަނަ ފަހަރަށް ރަށްރަށަށް ވަޑައިގެންނެވުމުގެ ދަތުރުތައްވެސް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރުވެސް ބައެއް ރަށްރަށަށް ދެފަހަރު ވަޑައިގެންނެވިފައިވާކަމަށެވެ.

ރައީސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި އެބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ފާޅުކުރާ ޝުއޫރުތަކާއި އެއްގޮތަށް ބައެއް ކަންކަން ބަދަލުކުރައްވާފައިވެސްވެއެވެ.